ޖިއޮލޮގިކަލް ގޮތުން ދިވެހިރާއްޖޭ ގެ އަތޮޅުތަކާއި ރަށްތަކާއި ފަރުތައް އުފެދިފައިވާ ގޮތާއި އެ ތަންތަނުގެ ހަގުދޮށިކަން އެންމެ ފުރިހަމަ ގޮތުގައި ހޯދި ބެލިފައިވާ ކަމެއް އެނގިފައެއް ނެތެވެ. މިކަމަށް ދިރާސާއެއް ފުރަތަމަ ކުރެއްވި ކަމަށް ވަނީ ރޮބަރޓްސް މޮރެސްބީއެވެ. އެއީ 1834 މ. އިން 1836 މ. އަށެވެ. އެއީ ރާއްޖޭގެ ކަނޑުތައް ސަރވޭކޮށް ޗާޓުކުރެހުމަށް އޭނާ އުޅުނު ދުވަސްވަރުއެވެ. އޭގެ ފަހުން ޖޭ.އިސްޓެންލީ ގަރޑިނަރ އެވެ. އެއީ 1899 މ. ވަނަ އަހަރުގައެވެ. އޭގެ ފަހުން 1902 މ. ވަނަ އަހަރު އުސްތާޒު އޭ. އެގަޒީސް އެވެ. މީގެ ފަހުންވެސް ބައެއް ހޯދުންތެރިން ކޮންމެ ވެސް ވަރެއްގެ ހޯދުންތަކެއް ހޯދާފައިވެއެވެ. މި ހޯދުންތަކުގެ ތެރޭގައި މިސުރުގެ އަލްމަބާޙިޘްގެ ޓީމު ގެ މަސައްކަތާއި ޔުނެސްކޯ ގެ ބެލުމުގެ ދަށުން ބައިނަލްއަގުވާމީ ގޮތުން ހިންދު ކަނޑު ސާވޭ ކުރަން ފެށިފައިވާ މަސައްކަތް ހިމެނެއެވެ. އެ ސާވޭ ފުރިހަމަ ވާއިރު ދިވެހިރާއްޖެ އާ ބެހޭ ވަރަށް ގިނަ ހޯދުންތައް ހޯދި ފުރިހަމަ ވެފައި ވާނެ ކަމަށް ފެނެއެވެ.
ރާއްޖޭގެ އަތޮޅު ތަކާއި ރަށްތައް އުފެދިފައިވާ ގޮތާ މެދު މަހާއިލްމުވެރިއެއް ކަމަށްވާ ޑަރވިން ނަޒަރިއްޔާ ތަކެއް ފައުލޫކޮށްފައިވެއެވެ. އެކަމާ މެދު ޖިއޮލޮގިސްޓުންނާއި އިލްމުދާނުންގެ މެދުގައި ތަފާތު ހިޔާލުތައް އުފެދިފައިވެއެވެ. އެބައެއްގެ ނަޒަރުގައި އަތޮޅުތަކާއި ރަށްތައް އުފެދިފައި އޮތީ ވަރަށް ކުރީ ޒަމާނެއްގައި ހިންދު ކަނޑު އޮތް ބޮޑު އަތޮޅަކަށް މެދުވެރިވި ޖިއޮލޮޖިކަލް ހާދިސާ އަކަށް ފަހު ދެން އައި ޒަމާނެއްގައި އެ އަތޮޅު ގިރެމުން ގޮސް އަތޮޅުގެ ބައެއް ތަންތަން ކަނޑުގެ ސަތުހުން އަޑިއަށް ގެނބިފައިވަނިކޮށް އެ އަތޮޅުގެ ބެޑްރޮކުގައި އަލުން މުރަކަ ހެދި ދިރެމުން ބޮޑުވަމުން އައިސް އެކިއެކި ސިފައިގެ ގިރި ފަޅުތައް މައްޗަށް އުފުލި އެ ތަންތާގައި ރަށްތައް އުފެދި އަތޮޅުތަކަށް ވީއެވެ.
އަނެއް ބައެއްގެ ނަޒަރުގައި ކަނޑުގެ އަޑީގެ ބެޑްރޮކް ގިނިފަރުބަދީ ހަރަކާތްތަކަކުން އުފުލި ކަނޑުގެ ސަތުހުން މައްޗަށް އެރި ތަންތާގައާއި ދެ ފެންދޭތެރެއަށް އުފުލުނު ތަންތަނުގައި މުރަކަ ފަދަ ތަކެތި އުފެދި ދިރެމުން އައިސް ފަރު (ރިންގް) އުފެދި އެ ފަރުތަކުގެ ދުނީގައާއި ރިންގު ތަކުގެ އެތެރޭ ބައިގާ (އަތޮޅުތެރެ) ރަށްރަށް އުފެދި އަތޮޅުތައް އުފެދޭ ގޮތް ވީއެވެ.
ތިންވަނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ އައިސްއޭޖުގައި ކަނޑުގެ ލޮނުގަނޑު މާބޮޑަށް ފިނިގަނޑުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑުގެ ލެވެލް ތިރިވެގެން ދިޔަދިއުމުގައި ކުރީގައި އުފެދިފައި ހުރި ފަރުތަކުގެ މުރަކަތައް މަރުވެ ރާޅާއި ވައިގެ ހަރަކާތުން ގިރިގެން ގޮސް ސިފަ ގެއްލިފައި ވަނިކޮށް ކަނޑުގެ ލޮނުގަނޑު އަލުން ހޫނު ވަމުން އައިސް އެތަންތާގައި އަލުން މުރަކައިގެ ވައްތަރުތައް ހެދި ދިރެމުން ގޮސް އަތޮޅުތަކާއި ރަށްތައް އުފެދުނީ އެވެ.
މޫސުން
ކަނޑާއި ރަށްތައް އޮންނަލެއް ކައިރި ކަމުން އާންމު ގޮތެއްގައި ރާއްޖޭގެ ވައިގެ ތެތްކަން ހުންނަނީ ވަރަށް މަތީގައެވެ. މީގެ ސަބަބުން މުޅި އަހަރު ތެރޭގައިވެސް ފިނިހޫނު މިނަށް މާބޮޑު ބަދަލުތަކެއް ނާދެއެވެ. ދިވެހިރާއްޖޭގެ އެވަރެޖު ފިނިހޫނުމިނަކީ ގާތްގަނޑަކަށް °30 ސެލްސިއަސްގައެވެ. އެންމެ ގިނައިން ވާރޭވެހޭކަމަށް ފާހަގަ ކުރެވިފައިވަނީ ޖޫން މަހާއި ނޮވެމްބަރުމަހާ ދެމެދުގައެވެ.
މީހުން
ދިވެހިރާއްޖޭގެ އާބާދީ ކަމުގައި 2003 ވަނަ އަހަރު ރެކޯރޑް ކުރެވިފައިވަނީ 329684 މީހުންނެވެ. އެވަރެޖު ގޮތެއްގައި އަކަ ކިލޯމީޓަރަކަށް ޖެހޭ މީހުންގެ އަދަދު ނުވަތަ އާބާދީގެ އަކަބުރަ އަކީ ގާތްގަނޑަކަށް 1106 މީހުންނެވެ. ދިވެހިރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު ރަށަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ ފުރަމާލެއެވެ. 1999 ވަނަ އަހަރު މާލޭގެ އާބާދީ ކަމުގައި ބެލެވިފައިވަނީ 72000 މީހުންނެވެ. މާލޭގެ އިތުރުން އެންމެ އާބާދީ ބޮޑު ހިސާބުތަކަކީ ސުވައިދީބާއި (ދެކުނުގެ ހަތަރުއަތޮޅު ނުވަތަ ބޮޑުދެކުނާއި) ބޮޑުތިލަދުންމައްޗެވެ. ދިވެހިންގެ ނަސްލަކީ މަސްހުނި ނަސްލެކެވެ. ދިވެހިންގެ ނަސްލު ބިނާވެފައިވަނީ އިންޑިޔާ ދަރިކޮޅާއި އަރަބި ދަރިކޮޅާއި އެފްރިކާ ދަރިކޮޅާއި މެލޭދަރިކޮޅުގެ މައްޗަށެވެ. މަދުމަދުން ޔޫރަޕުގެ ނަސްލާއި މަސްހުނިވެފައިވާ މީހުންވެސް މިރާއްޖެއިން ފެނެއެވެ.
ދީން
ދިވެހިރާއްޖެއަކީ 100 އިން ސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ ޤައުމެކެވެ.
	ފަންވަތް: 	ފަންވަތް:Too